އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި އެޕާޓީން ރަސްމީކޮށް ޓިކެޓް ހަވާލުކޮށްފި އެވެ.
މ. ކުނޫޒްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރަނިންމޭޓްކަމުގެ ޓިކެޓް ފައިސަލް އާއި ހަވާލުކޮށްދެއްވީ ޖޭޕީގެ ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އެ ޕާޓީގެ ނައިބު ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މިރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ޖަރުމަންވިލާތުގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވަނީ ޖޭޕީގެ މެމްބަރުން އެމަނިކުފާނަށް ކުރައްވާ އިތުބާރާއި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމަށް ފަހިކޮށްދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކޯލިޝަންގެ މުޅި މަޤްސަދާއިއެކު 23 ސެޕްޓެމްބަރު ގައި ދިވެހި ރައްޔިތުން ގެންނަ ބަދަލާއިއެކު މަސައްކަތް ކުރުމުގައި ކެރިގެން ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން، އެ ޕާޓީތަކުގެ ލީޑަރުން ދެއްކެވި މަގުން ހިނގަމުންދަނީ ޤައުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ޙައްޤުގައި އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށް، ކާމިޔާބު ހޯދުން މުހިންމު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ޖޭޕީއާއި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އިސްވެރިންނާއި އަދި ރައީސް މައުމޫނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.