ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ސިއްރު ކުރަން ދައުލަތުން އެދިފައިވާ ހެކިތައް ސިއްރު ކުރުމުގެ ދާއިމީ އަމުރެއް ނެރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށްފަހު، މައުމޫންގެ ގެކޮޅަށް ގަދަބާރުން ވަދެ ހައްޔަރު ކުރުމަށްފަހު ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައުމޫން އާއި ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުކުރަން ދައުލަތުން ވަނީ އެދިފައެވެ. މިގޮތަށް އެދުމުން ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި ހެކިބަސް ދޭން ޖެހޭނީ ޝަރީޢަތުގެ މަޖިލީހުގައި ހުރެގެން ފާޅުގައި ކަމަށް ބުނެ، މައުމޫން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އަދި ސިއްރުން ހެކިބަސް ދިނުމަށް ފުރުސަތު ދިނުމުގެ ސަބަބުން ދޮގު ހެކިބަސް ދިނުމަށް މަގު ފަހި ވެގެންދާނެ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
މައުމޫނުގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ބުނެފައިވާއިރު، ހެއްކާ ބެހޭ ޤާނޫނުގައި ހެކިބަސް ނަގާނެ ގޮތް ބަޔާން ކޮށްފައި ނެތުމުން އެކަން ނުކުރެވޭނެ ކަމަށެވެ.
ދިފާޢުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ހެކިބަސްދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އިސްލާމީ ޝަރީއަތުގައި ބަޔާންވެފައި ވާއިރު ސިއްރު ހެކިވެރިޔާގެ އަދުލުވެރިކަން ކަށަވަރު ކުރުމަށްފަހު ސިއްރުން ހެކިބަސް ނެގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވިދާނެ ކަމެއްކަން ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް އަމަލު ކުރަން ފެށި ފަހުން ހައި ކޯޓުން ނިންމާފައިވާ ގަޒީއްޔާއަކުން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.
އެހެން ކަމުން މި މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ނިންމެވީ ދައުލަތުން އެދުނު ގޮތަށް ސިއްރުން ހެކިބަސް ނެގުމަށެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ދައުލަތުން އެދުނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ކިތާބީ ހެކިތައް ސިއްރު ކޮށްދިނުމަށެވެ.
އޭގެ ތެރޭގައި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ވީޑިއޯގެ އެނަލިސިސް ރިޕޯޓާއި ވީޑިއޯގެ ސްކްރީންޝޮޓް ފޮޓޯތަކާއި ސިއްރު ހެކިވެރިންގެ ބަޔާންތައް ވެސް ހިމެނެ އެވެ. ސަބަބަކަށް ދައުލަތުން ދެއްކީ މި ހެކިތަކަށް މައުމޫނު ނުފޫޒު ފޯރުވާފާނެތީ ކަމަށެވެ.
އަދި ވީޑިއޯގެ ސްކްރީން ޝޮޓްތައް ދޭން ދެކޮޅު ހަދަނީ އެ ފޮޓޯތަކުގައި މިހާރުވެސް ތަހްގީގުކުރަމުންދާ ބައެއް މީހުން ފެންނަމުންދާ ތީ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން މައުމޫންގެ ވަކީލުން ވިދާޅުވީ މަރުގެ މައްސަލަތަކާއި ބައެއް ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް ދެކޮޅަށް ދޭ ބަޔާންތައް ނަން އުނިކުރުމަށް ފަހު ދައުވާ ލިބޭ ފަރާތަށް ދޭ ކަމަށާއި، ރައީސް މައުމޫނަކީ ބަންދުގައި ހުންނެވި ބޭފުޅަކަށްވާއިރު އެމަނިކުފާނަށް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތް ކަމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ހައިލަމް ނިންމެވީ ދައުލަތުން އެދިފައިވާ ގޮތަށް އެ ތަކެތި ސިއްރު ކުރެއްވުމުގެ ދާއިމީ އަމުރެއް ނެރުއްވުމަށެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، އަދުލު އިންސާފް ޤާއިމްކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ވަނީ މިހާރުވެސް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.