މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މި މައްސަލާގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްްމަދު ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
ސުއައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައިވެއެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުންވެސް ވަނީ ޚުލާސާ ބަޔާން ހުށައަޅާފައެވެ. މިއާއެކު އަޑުއެހުން ނިންމާލައްވަމުން މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް އިއްވުމަށް ޝަރީއަތް ތާވަލު ކުރާނެ ކަމަށެވެ.
ޚުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރުމަށް 29 ހެއްކެތް ހުށައަޅާފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ. މި ގޮތުން ހެކިބަސް ދިން މީހުންގެ ހެކިބަހުން ރިލްވާން ގެއްލުމުގެ ދުވަސް ކޮޅެއް ކުރިން މާލެ އިން ހުޅުމާލެއަށް ކާރެއް ގެންދިޔަ ކަމާއި އަދި ރިލްވާން ގެއްލުނު ފަހުން ރަތްކުލައިގެ ކާރެއް މާލެއަށް އަނބުރާ ގެންދިޔަ ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވިއެވެ.
އަދި ރިލްވާން ގެއްލުނު ރޭ، ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނިއިރު އެ ގަޑީގައި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި އަދި އެ ކާރު ދިޔަ ވަގުތު ވަޅިއެއް އެތަނަށް ވެއްޓިފައި އޮތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވާކަން ވަކީލާ ފާހަގަކުރެއްވި އެވެ.
އަދި ރިލްވާން ރަތްކުލައިގެ ކާރެއް ދުއްވި ކަމާއި އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭއާއި ދިމާވާ އިސްތަށްޓެއް ފެނިފައިވާ ކަން ވެސް ހުށަހަޅާފައިވާ ހެކިތަކުން އެނގޭނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ކާރުން ފެނުން އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށައަޅާފައިނުވި ނަމަވެސް އެ ރިޕޯޓާ ގުޅޭ ލިޔުމެއް ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ރިލްވާން އާއިލާގެ އެހެން މީހުންގެ ހެކިބަސް ނެގިއިރު އެމީހުން އެ ކާރަށް އަރާފައި ނުވާ ކަމަށް ބުނެފައި ވާތީ އެ ކާރަށް ރިލްވާން ނޫން މީހަކު އަރުވާފައިނުވާ ކަން އެނގޭ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.
އާލިފް އާއި ނޫރައްދީންގެ ފަރާތުން ޚުލާސާ ބަޔާން އިއްވަމުން އެމީހުންގެ ދިފާއީ ވަކީލު ނޫރުއް ސަލާމް އަބޫބަކުރު ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައަކީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށާއި ދެ ކުއްޖަކު ހޯދައި ދައުވާއެއް ކޮށްލުމަކީ އެ ޖަރީމާގައި ފަސްއަޅާ ފޮރުވޭނެ ސަބަބެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ރިލްވާން ވަގަށް ނެގި މައްސަލަ ފުލުހުން އެންމެ ރަނގަޅަށް ތަހުޤީޤު ކޮށްފައިނުވާ ކަމަށާއި އެ މައްސަލައިގައި ހަޤީޤަތް ހޯދުމުގައި ޕީޖީ ވެސް އަމަލު ކުރައްވާފައިވާ ގޮތުން އެކަމުގެ ހަޤީޤަތް ހޯދުމަށް ވަރަށް ބޮޑަށް އިހްމާލުވެފައިވާކަން އެނގޭ ކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ އާލިފް ދުއްވި ކާރުގައި ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާއިރު އެރޭ ކާރު ބާއްވާފައި އޮތްތަނުގެ ސީސީޓީވީ ކެމެރާގެ ފޫޓެޖު ހޯދަދޭން އާލިފްގެ ފަރާތުން އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށާއި ރިލްވާން ކާރަށް އަރުވައިގެން ދިޔަ ތަނުގައި ވަޅިއެއް އޮތް ކަމަށް ފުލުހުން ބުނާއިރު އެ ވަޅީގެ ފޮރެންސިކް ރިޕޯޓެއް ވެސް ޝަރީއަތަށް ހުށައެޅިފައިނުވާ ކަމަށެވެ.
އަދި ރިލްވާންގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އޭނާގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ދައުލަތުން އެދުނީ ވެސް ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުންރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި މަންޒަރު ފެނުނު ކަމަށް ހެކިން ހެކިބަސް ދީފައި ވިޔަސް، ގަދަކަމުން ކާރަށް އެރުވީ ކާކު ކަމެއް އަދި އެ ކަމުގައި ހަރަކާތްތެރިވީ ކޮން ބައެއް ކަން އެއްވެސް ހެކިވެރިއަކު ބުނެފައި ނުވާ ކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ދައުވާ ލިބޭ އާލިފްގެ ކާރު ކަން ވެސް އެއްވެސް ހެކިވެރިއަކަށް ނޭނގޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަދި އެ ކާރުން ފެނިގެން ރިލްވާންގެ މަންމަގެ ޑީއެންއޭ އާއި ދިމާވި އިސްތަށްޓަކީ ބަޔަކު އެ ކާރުގައި ބޭއްވި އެއްޗެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވަކީލު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އިސްތަށި ކާރުން ނެގުނީ ކޮން އިރަކު ކަން އެނގޭނެ ޗެއިން އޮފް ކަސްޓަޑީއެއް ވެސް ދައުލަތުން ހުށަހަޅައިފައެއް ނެތެވެ. އެހެންވެ، އެ މައުލޫމާތު ވެސް ކަށަވަރު ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އަދި އެ ކާރުން ފެނުން އިސްތަށީގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ހުރިހާ އެންމެންގެ ހެކިބަސް ނަގަން ހުށަހަޅާފައިނުވާއިރު އެ އިސްތަށީގެ ޑީއެންއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ގެނައި ޕޮރެންސިކް އެކްސްޕާޓްގެ ވާހަކަތަކާ މެދު ވެސް ދިފާއުން ސުވާލު އުފައްދާފައިވެއެވެ.
އެ ހުރިހާ ކަމަކާ އެކު އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ޝައްކުތަކެއް ހުރުމުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށް ކަނޑައަޅައި ދޭން ނޫރުއްސަލާމް އެދިވަޑައިގެންނެވިއެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.