Last Updated: May 16, 07:03
Friday, May 16, 2025
ޚަބަރު

ފައިސަލާއި ޝަހީދު ހުވާ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ހުސެއިން ޝަހީދު އާއި މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ފައިސަލް އާއި ޝަހީދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ ރޭ ސުޕުރީމް ކޯޓުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެދެބޭފުޅުންނަށް ހުވައި ލައިދެއްވީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މަގާމުގެ ފަތްކޮޅު ދެ ބޭފުޅުންނާއި ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

ހައިކޯޓުގެ ފަނޑިޔާރު ފައިސަލް އަކީ ކުރިން ރައީސް އަބްދުﷲ ޔާމީން އާއި އެކު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެކެވެ. ޖޭއެސްސީގެ ނައިބް ރައީސްގެ މަގާމުގައި ފައިސަލް ހުންނެވީ ރައީސުލް ޖުމްހުރިއްޔާ ޖޭއެސްސީއަށް އައްޔަން ކުރައްވާ މެމްބަރުގެ ގޮތުގައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ނިންމި ހުސެއިން ޝަހީދަކީ ކުރިން ފޭދޫ އަދި ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ހައިކޯޓުން ހުސްވެފައިވާ ހަތަރު ފަނޑިޔާރުންގެ މަގާމަށް ބައެއް ކޯޓުތަކުގެ ގާޒީންގެ އިތުރުން އެސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު އާއި އެކު ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 54،000 ރުފިޔާ ލިބެއެވެ.