ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން މިއަދަށް ތާވަލްކޮށްފިއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް ކުރި ހުކުމް ބާޠިލްކޮށްދިނުމަށް ބަންޑާރަ ނައިބް އޮފީހުން ސުޕުރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ވަނީ ނިމިފައެވެ.
އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމަކީ ސުޕުރީމް ކޯޓުގެ ބެންޗު ބަދަލުވުމާއި ގުޅިގެން އިޖުރާއު ފުރިހަމަ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
ގޮޑީގެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖްލިސް ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 11 އަށެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސާފު އިބާރާތުން ބުނެފައިވެއެވެ. އެ އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ވަކިކޮށްގެން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެގޮތައް ނިންމިޔަސް މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ނެރުނު އަމުރަކުން 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެފައިވާ ބަޔަށް އަމަލުކުރުން ފަސްކުރިއެވެ.
އަމުރުގެ ވަކި ބަޔަކަށް އަމަލުކުރުން ފަސްކުރީ އެ ބައި ބާތިލްކުރަން ބަންޑާރަނާއިބުގެ ފަރާތުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
އެ މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މަޤާމުން ވަކިވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވުމުން، ދާދި ފަހުން އެ ދެ މަޤާމަށް ވަނީ ފަނޑިިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކޮށްފަ އެވެ.