ފުލުހުންނަށް ކޯޓު އަމުރަކާ ނުލާ ތަންތަނަށް ވަދެ ފާސްކުރުމުގެ ބާރު ލިބިދޭ އިސްލާހު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ(އައިބީ) ހުށައެޅުއްވި މިއިސްލާހަކީ މިހާރު ފުލުހުންނަށް ދިމާވާ ހުރަސްތައް ހައްލުކުރުމަށް ހުށައެޅި އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިބީ މިއިސްލާހު ހުށައަޅުއްވަމުން މަޖިލީހުގައި ވިދާޅުވެފައިވަނީ ކޯޓު އަމުރެއް ހޯދަން ފުލުހުން މަސައްކަތް ކުރަމުންދަނިކޮށް ކުށްވެރިން ފިލާ ކަމަށާއި ފޮރުވާފައި ހުންނަ ތަކެތި ނައްތާލާ ކަމަށެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ ތަހުގީގުތަކަށް ހުރަސްއެޅިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއިސްލާހު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.