ކަނޑުގައި އޮޔާދާ ތަކެތީގެ ތެރެއިން އެއްކޮޅު ހިއްލިފައި ދެފެންދޭތެރޭގައި ހުންނަ އެތިއެތިކޮޅަށް ދިވެހިބަހުން ކިޔާ ނަމަކީ ކަނޑުކޮހެވެ. މަޖާޒީގޮތުން ކަނޑުކޮހަކީ ތާކުންތާކު ނުޖެހޭ މީހާއެވެ. ކަނޑުކޮސްތެޅުމަކީ ތާކުންތާކު ނުޖެހޭ ކަންކަން ކުރުމެވެ. އެފަދަ ވާހަކަ ދެއްކުމެވެ. އަސުރުމާއޮޅީގެ ކުދިން ބޭއްވި އެއްވުމެއްގައި ހަނދޭގިރި ދެއްކި ވާހަކަޔަކީ މިޒާތުގެ ވާހަކައެކެވެ.
ކަނޑުކޮސް ވާހަކައެކެވެ. ބޯދާ ޒަމާނުގައި ހަނދޭގިރިއަކީ ވަޒީރެކެވެ. ކޮއްޔެއް ލެވިގެން އެތެރޭގެ ކަންކަމާއި ހަވާލުވެގެން ހުންނަ ބޭކަލެކެވެ. މިޒަމާނުގައި ރަސްމީކޮށް ކިޔާތީ އިވެނީ ކޮންމެވެސް ފަރަންޖީ ނަމެކެވެ. ކޮންމެއަކަސް މިހާރުގެ ހަނދޭގިރި ބުންޏެވެ. އެވެނި މީހަކު ހޮވައިފިއްޔާ ވާނެގޮތް މަ ކިޔައިދީފާނަމެވެ. އޭނާ ދޭނީ އިސްތިއުފާއެވެ. ދެން އަންނާނީ މިވެނި މީހެކެވެ. އަޅެފަހެ ވާން ހުންނަ ކަންކަމުގެ ޚަބަރު ލިބޭން މި ހަނދޭގިރިއަކީ ކަހީނެއް ބާވައެވެ. މީނާގެ ކައިރިޔަށް ޖިންނި އައުދޭ ބާވައެވެ.
އަހުރެން ހީކޮށްގެން ހުރީ މީގެ ސައުދަސަތޭކަ އެތައް އަހަރެއްކުރީން އުޑުއުޑަށް އަރައި އެހުމުން ވައްކަން ކުރުމުގެ ދޮރު އެޒާތުގެ ހުރިހާ ޖިންނީންނަށް ލެއްޕިފައިވާ ކަމަށެވެ. މިޒަމާނުގެ ކުދީން އެކިޔާ ސުޕަރމޭނަށް އިހު އަފުރެމެން ދިވެހިން ކިޔައި އުޅުނު ނަމަކީ މިސްރަށް ދިޔަ ހަނދޭގިރިންނެވެ. މި ހަނދޭގިރިއަކީ އުތީމު ބޮޑުތަކުރަށްވުރެވެސް ކުރީގައި އުޅުނު މީހެކެވެ. އޭނާގެ ކުރިން އެއްވެސް ދިވެއްސަކަށް ނުދެވޭ ހިސާބަށް ދަތުރުކުރި ހިތްވަރުގަދަ މޮޅު މީހެކެވެ.
ފިރުއައުނާއި ހާމާނު ދިރިއުޅުނު މިސްރަށް ގޮސް ނީލަކޯރުގައި ފަތަފަތައިފައި އަލުން ރާއްޖެއަށް އައީއެވެ. ދެން މިކަމަކީ އިހަށްވެސް އަދި ފަހަށްވެސް އެހެން ދިވެއްސަކަށް ނުކުރެވޭނޭ ކަހަލަ ކަމަކަށް ބަލައިގެން އަޖައިބުކުރަނިވި ނާދިރު ކަންކަން ކުރާ މީހުންނަށް ނިސްބަތްކޮށްފައި މިބަސް ބޭނުން ކުރަނީއެވެ. މިސާލަކަށް ތިޔަކަންތައް މިސްރަށް ދިޔަ ހަނދޭގިރިންނަކަށް ވެސް ނުކުރެވޭނެއެވެ. މާނަޔަކީ މީހާ ކިތަންމެ މޮޅުވެފައި ކުޅަދާނަޔަސް ތިޔަކަމެއް ނުކުރެވޭނެއެވެ. ތިޔައީ މިސްރަށް ދިޔަ ހަނދޭގިރިންނަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.
މިސްރަށް ދިޔަ ހަނދޭގިރިންވެސް ވާންހުންނަ ކަންކަމުގެ ވާހަކަ ދައްކައި އުޅުނުކަމަށް ލިޔުމަކުން ނުދެކެމެވެ. އަމިއްލަ ހައިސިއްޔަތަށް ވުރެ މަތީ ވާހަކަ ދައްކައި އުޅުނު ކަމަށް އެއްވެސް ބަޔަކު ކިޔާތީ ނާހަމެވެ. އެހިނަމަ އެހަނދޭގިރިން މިސްރަށް ކީއްކުރަން ގާފު ފަރުބަދައިގެ އަނެއް ފަރާތަށް ދިޔަކަމަށް ވިޔަސް ބުނާން ޖެހޭނީ އެއީ ކަނޑުކޮސް ވާހަކައެއް ކަމުގައެވެ. ކަނޑުކޮހަކަށް ދެއްކޭނީ ކަނޑުކޮސް ވާހަކަ ކަމުގައެވެ.