އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިތުރު ހަ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެގޮތުން އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ކަނޑިންމާ މޯލްޑިވްސް، އަނަންތަރާ ދިގު މޯލްޑިވްސް، ރޮބިންސަން ކްލަބް ނޫނު، ޑަބްލިޔު ރިޓްރީޓް އެންޑް ސްޕާ މޯލްޑިވްސް، ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓު މޯލްޑިވްސް އަދި އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސްގައެވެ.
ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.
އަދި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށާއި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށްވެސް އީސީ އިން ބުނެއެވެ.
އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެކަމަށްވެސް އީސީ އިން ބުނެއެވެ.
މިއާއެކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވަނީ 42 އަށް އަރާފައެވެ.