ރިޔާސީ އިންތިޚާބު 2018 އަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަސް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ 3 ވަނަ ފަންގިފިލާއަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ ޖުލައި 23 ވާ ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 10 ވާ ހުކުރު ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އަދި ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ އެ ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
އަދި އެ ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް އީސީ އިން ބުނެއެވެ.