Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ޕީއެސްއެމްގެ އާ ބޯޑް އެކުލަވާލައިފި

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް، ރައީސް އަބްދުﷲ ޔާމީން އާއެކު - ފޮޓޯ: ވީއެފްޕީ

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް އައު ގަވަނިންގ ބޯޑު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އެކުލަވާލާއިފިއެވެ.

ޕީ.އެސް.އެމްގެ ގަވަރނިންގ ބޯޑަށް އާ މެންބަރުން އައްޔަންކޮށްފައިވަނީ އެކުންފުނީގެ މިހާރުގެ ގަވަނިންގ ބޯޑު އުވާލައި ބޯޑަށް އާ މެމްބަރުން އައްޔަންކުރުމުގެ ބާރު ޕްރައިވެޓައިޒޭޝަން ބޯޑަށް ދިނުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާޙުތަކާއެކު ކުރިން 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޕީ.އެސް.އެމްގެ ބޯޑު މެމްބަރުންގެ ޢަދަދު މިހާރު ވަނީ 5 މެމްބަރުންނަށް މަދުކޮށްފައެވެ.

އެގޮތުން އަލަށް އެކުލަވާލި ބޯޑުގެ މެނޭޖިން ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައި ވަނީ މިހާރުވެސް އެ މަޤާމުގައި ތިއްބަވާ ދަފްތަރު ނަންބަރު 1903 ޢިބްރާހީމް ޚަލީލާއި، ޅ. ނައިފަރު ހަނދު، މުޙައްމަދު އިކްރާމް ޢަބްދުލް ލަތީފެވެ.

އަލަށް އެކުލަވާލި މި ބޯޑުގައި ހިމެނޭ އާ މެންބަރުންގެ ގޮތުގައި، އެޗްއާރުސީއެމްގެ ކުރީގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒުރާ އަހުމަދު ބޯޑުގެ ޗެއާ ޕާސަންއަކަށް ހަމަޖައްސާފައިވާއިރު، ބޯޑުގެ ދެ ޑިރެކްޓަރުންގެ ގޮތުގައި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އާއި ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކަށް ނަން ހުށަހެޅުއްވި ނ. ވެލިދޫ، އާހިޔާ، އައިޝަތު ހަފީޒު ވަނީ ހަމަޖައްސާފައެވެ.

ޕީ.އެސް.އެމްގެ ބޯޑަށް އަލަށް ގެނައި ބަދަލާއެކު، ކުރިން އެކުންފުނީގެ ޗެއަރޕަރސަންކަމުގެ މަޤާމުގައި ހުންނެވި ޢިބްރާހީމް އުމަރު މަނިކާއި، ވައިސް ޗެއަރޕަރސަން ޢިބްރާހީމް ޙިލްމީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި އައިމިނަތު ޝާޔަން ޝާހިދު، އަދި ދެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި މުޙައްމަދު ޝާޤިލް އަދި މަޙްމޫދު ޢަލީގެ މަޤާމު ވަނީ ގެއްލިފައެވެ.