Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

އީސީގެ މެމްބަރު ކަމަށް ނަޝާޠު ޢައްޔަންކޮށްފި

ރައީސް ޢަބްދުﷲ ޔާމީން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމުގެ މަޤާމަށް، އަރިއަތޮޅު އުތުރުބުރި ފެރިދޫ، ހާލި، ޢަލީ ނަޝާޠު ޢައްޔަންކުރައްވައިފިއެވެ.

ޢަލީ ނަޝާޠު އެ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދުއެވެ. މެމްބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠާއި ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންގެ ކުރިފުޅުމަތީގައި، ޢަލީ ނަޝާޠު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވާފައެވެ.

ނަޝާޠު އީސީގެ މެމްބަރުކަމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ މަޤާމަށް އޭނާ އައްޔަންކުރުމަށް ފާސްކުރުމުންނެވެ.

އެގޮތުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުން ނަޝާތަށް ރުހުން އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެމްބަރުކަމަށް ނަޝާތު އައްޔަން ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެކޮމިޓީން ވެސް ވަނީ އޭނާ މިމަޤާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.

އަލީ ނަޝާތަކީ އީސީގެ ޑިރެކްޓަރެއްގެ މަޤާމް އަދާ ކުރައްވަމުން ގެންދެވި ފަރާތެކެވެ.

އީސީގެ މެމްބަރުކަމުގެ މަޤާމް ހުސްވީ އެކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.