Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ވިޔަފާރި އަށް އައްޑޫން ބިންތަކެއް ދޫކުރަނީ

ވިޔަފާރި އަށް އައްޑޫން 64 ބިމެއް ކުއްޔަށް ދޭން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިން ދޫކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކި އަވަށްތަކުން ބިން ދޫކުރަނީ އެކި އަދަދަށް ކަމަށާއި ފޭދޫން އެކަނި ވެސް 25 ބިން ކުއްޔަށް ދޭނެ ކަމަށް ވިދާޅުވި އެވެ. ފޭދޫން ބިން ދޫކުރާނީ ފޭދޫ ހިއްކި ބިމުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބިން ކުއްޔަށް ދިނުމުގައި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށް އިސްކަންދޭނެ އެވެ. އަދި އެ ފުރުސަތު ހުރިހާ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އައްޑޫން ބިން ކުއްޔަށް ދޫކުރާނީ އެކި ސަރަހައްދުތަކުން އެކި އަގަށެވެ.

އެގޮތުން، ބަނދަރު ސަރަހައްދުތަކުން އަކަފޫޓަކަށް 3ރ. ނަގާ އިރު، ލިންކު ރޯޑު ފަދަ ބޮޑެތި މަގުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 2.6ރ. އަށެވެ. އަދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ހަދަމުން އަންނަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން އަކަފޫޓަކަށް 2.2ރ. ނަގަން ނިންމާފައިވާ އިރު މީހުން ދިިރިއުޅޭ އެހެން ސަރަހައްދުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 1.8ރ. ގެ މަގުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައ ބިން ކުއްޔަށް ދޭ އަގު ކަނޑައަޅާފައި ވަނީ އެ ބިމުގެ ވެލިއުއަށް ބަލައިފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އައްޑޫން ބިން ކުއްޔަށް ދޭން ނިންމީ ވަރަށް ގިނަ ވިޔަފާރިވެރިން އެކަމަށް އެދޭތީ އެވެ.

ބިން ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓަށެވެ.