އަންނަ ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަށް އޮޅުވާލައިގެން ރީ-ރެޖިސްޓްރީ ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައި، ފޯމު ފުރަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.
އަދި އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އެ ކޮމިޝަނުން ކުރާ މަސައްކަތުގައި، ސިޔާސީ ޕާޓީތަކުންނާއި ދައުލަތުގެ އިދާރާތަކުން ކޮށްދެއްވާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ ކަންކަން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.