އިސްލާމްއާބާދު (26 ޖުލައި)- ޕާކިސްތާނުގައި އިއްޔެ ބޭއްވި އެގައުމުގެ އާއްމު އިންތިހާބު ކުރީގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިޔާ އިމްރާން ހާން ކާމިޔާބު ކުރައްވައިފިއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިމްރާން ހާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް މިހާރުވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭނެކަން ޔަގީންްވެފައެވެ.
އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން އިންތިހާބުގެ ނަޖީޖާ އިއްލާން ކުރުން ލަސްވެެފައިވީ ނަމަވެސް ވަރަށް އަވަހަށް ނަތީޖާ އިއްލާން ކުރާނެކަމަށް އިލެކްޝަން ކަމިޝަނުން ވަނީ ބުނެފައެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކުން ޕީޓީއައި އަށް 119 ގޮޑި ކަށަވަރުވެފައިވާ އިރު ވާދަވެރި ޕާކިސްތާން މުސްލިމް ލީގު0 ނަވާޒުއަށް ލިބިފައިވަނީ 63 ސީޓެވެ. ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާދީގެ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ)އަށް 38 ގޮޑިއެވެ.
ވަގުތީ ނަތީޖާ އާއި އެކު އިމްރާން ހާން ވަނީ އެގައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާއި މުޙާޠަބު ކުރައްވަމުން އިމްރާން ވިދާޅުވީ އެތައް ދުވެހެއްގެ ފަހުން އުއްމީދު ކުރަމުން އައި ހުވަފެން ރައްޔިތުން ހަގީގަތަކަށް ހަދާދީފައިވާ ކަމަށާއި، ގައުމުގެ އޮތް ކަރަޕްޝަން ނައްތާލައި، ރީތި ތާހިރު ވެރިކަމެއް ކޮށްދެވާނެކަމަށެވެ.
މީގެ އިތުރުންވެސް އަވައްޓެރި އިންޑިއާއަށްވެސް ވަނީ ވަރުގަދަ އިންޒާރު ދެއްވާފައެވެ.