Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރައީސް އާއި މުޢާމަލާތް ކުރުމުގައި ހުރަހެއް ނެތް: މުއާޒް

ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ - ފޮޓޯ: ސަން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި އާންމުންނާއި ދެމެދު މުޢާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.

މުއާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އެ ޓްވީޓްތަކުގައި މުއާޒް ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި "ރައީސް އަށް މެސެޖު ނުކުރެއްވުމަށް" ކަމަށް ބުނެ ފަތުރަމުންދާ ސްކްރީންޝޮޓް އަކީ އެކެއް ފެބްރުއަރީހުގެ އަމުރާ ގުޅޭގޮތުން އޭރު އޭނާ ކުރެއްވި ޓްވީޓެއްގެ ސްކްރީންޝޮޓެއް ކަމަށާއި، އެއީ ޙާލަތާ ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއް ކަމަށެވެ.

"ނަމަވެސް އެ ޙާލަތު ނެތިގޮސް، ރައީސް އާއި އާންމުންނާއި ދެމެދު މުޢާމަލާތް ކުރުމުގައި އެއްވެސް ހުރަހެއް ނެތް" ކަމަށް މުއާޒް ވިދާޅުވި އެވެ.

އަދި ރިޔާސީ އިންތިޚާބާއި ދިމާކޮށް އެ ޓްވީޓް އާއި ޚާބަރުގެ ތާރީޚް ފޮރުވައިގެން މިހާރު ދައުރުކުރާ ސްކްރީންޝޮޓްގެ ޙަޤީޤަތް އާންމުންނަށް އޮޅުން އަރާ ގޮތަށް ފަތުރަމުން ދާތީ، އެ ޢަމަލު ކުށްވެރިކުރައްވާ ކަމަށްވެސް މުއާޒް ވިދާޅުވި އެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކުރިއެކޭ އެއްގޮތަށް ރައީސް އަށް މެސެޖުގެ ޒަރިއްޔާއިން ވެސް މުޢާމަލާތް ކުރުމުގައި ހުރަހެއް ނޯންނާނެ ވާހަކަ އެންމެހާ ރައްޔިތުންނާއި ސަޕޯޓަރުންނަށް ދަންނަވަން"، މުއާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.