Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިދިކޮޅުން އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސަންޓުން: އަލީ

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު - ފޮޓޯ: ވީނިއުސް

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ 70 އިންސައްތަ ވޯޓުން ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ބީބީސީގެ "ނިއުސް ޑޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ރާއްޖޭގައި ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ 70 އިންސައްތަ ވޯޓުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުއްﷲ ސައީދު ވެސް ޖަލަށް ލާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަންވެސް ހަނިކޮށްފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ޤައުމު އަނބުރާ ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ދިވެހިންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށާއި، މި ފުރުސަތުގެ ބޭނުން ހުރިހާ ދިވެހި ރައްޔިތުން ހިފަން ޖެހޭ ކަމަށެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ނަމަވެސް މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު 23 ވާ އާދިއްތަ ދުވަހު އެވެ.