ށ. ސިއްރު ފެންފުށި ރިސޯޓުގެ މޫދުގައި ހަދާފައިވާ "ގެލަރީ"ގައި ބަހައްޓާފައިވާ ބުދު ނަގަން ސަރުކާރުން އަންގައިފިއެވެ.
ރައީސުލް ޖުމްހުރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ސިއްރު ފެންފުށީގައި ބުދު ބެހެއްޓިކަމުގެ މައުލޫމާތު ސަރުކާރަށް ލިބުމާއި އެކު ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް އެބުދު ނެގުމަށް އެރިސޯޓަށް އަންގާފައިވާ ކަމަށެވެ.

މުއާޒުގެ ޓްވީޓުގައި ބުނެފައިވަނީ މާދަމާގެ ނިޔަލަށް އެބުދުތައް ނަގާނެކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީއަށް އެރިސޯޓުން ދީފައިވާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް ތައްޔާރުކޮށްފައިވާ މި ބުދުތައް އެރިސޯޓުގެ ފަޅުގައި ބެހެއްޓުމާއި އެކު ދީނީ އަލްމުވެރިން ވަނީ މި ބުދު ވަގުތުން ނެގުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި ބުދު ބެހެއްޓުމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.