Last Updated: June 11, 13:58
Thursday, June 11, 2026
ކުޅިވަރު

މޮރީނިއޯ ހެއްވާލުމަކީ އަހަރެންގެ ލަނޑުދަނޑިއެއް: ކްލޮޕް

ޔުނައިޓެޑުގެ ކޯޗު، ޖޯސޭ މޮރީނިއޯ ހެއްވާލުމަކީ އޭނާގެ ދުވަސްވީ ލަނޑުދަނޑިއެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑުން ބޮޑު އަގުގައި ޕޮގްބާ ޔުވެންޓަސް އިން އެކުލަބަށް ގެނައުމުން ކްލޮޕް ވަނީ ބޮޑު އަގުގައި ކުޅުންތެރިން ގެންނާތީ ފާޑުކިޔައި، އެއީ އޭނާ ކުރަން ބޭނުން ނޫން ކަމެއް ކަމުގައި ބުނެފައެވެ.

ނަމަވެސް އޭގެ ފަހުން ކްލޮޕްވެސް ލިވަޕޫލް ޓީމު ކުރިއެރުވުމަށް އަގުބޮޑު ކުޅުންތެރިން ގެނައުމުން މޮރީނިއޯ ވަނީ އެކަމަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ކްލޮޕް އޭނާގެ އުސޫލުތައް ބަދަލުކުރަން ޖެހުމުން އުފާވާ ކަމަށް ބުނެފައެވެ. މޮރީނިއޯ ލިވަޕޫލްގެ ހޭދަތަކާ ގުޅޭގޮތުން އިތުރަށް ބުނެފައިވަނީ އެއީ ބޮޑެތި ކުލަބުތަކަށް މިއަދު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މޮރީނިއޯގެ ވާހަކަތަކާ ގުޅޭގޮތުން ކްލޮޕާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑާ ގުޅޭގޮތުން އޭނާއާ ސުވާލުނުކުރަނީސް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. އަދި މޮރީނިއޯއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް ވެސް ކްލޮޕް ބުނެފައިވެއެވެ.

ލިވަޕޫލުން ވަނީ ފާއިތުވެދިޔަ 12 މަސް ދުވަސް ތެރޭގައި 250 މިލިއަން ޕައުންޑު ކުޅުންތެރިން ގެނައުމަށް ހޭދަކޮށްފައެވެ. އޭގެ ތެރޭގައި ޑިފެންޑަރު ވެންޑައިކް އަށް 75 މިލިއަން ޕައުންޑާއި ކީޕަރު އެލިސަން އަށް 66.8 މިލިއަން ޕައުންޑު ވެސް ހިމެނެއެވެ. މިދެކުޅުންތެރިންނަކީ ވެސް މިވަގުތު ކުޅުންތެރިން ކުޅޭ ޕޮސިޝަނަށް، ދުނިޔޭގައި ތިބި އެންމެ އަގުބޮޑު ދެކުޅުންތެރިންނެވެ.

މީގެ އިތުރުން ވެސް ލިވަޕޫލުން ވަނީ ނަބީ ކެއިޓާއަށް 50 މިލިއަން، ފަބީނިއޯއަށް 40 މިލިއަން އަދި ސްޓޯކުން ޝަކީރީ ގެންނަން 13 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. ނަމަވެސް ލިވަޕޫލަށް ބާސެލޯނާއިން ކުޓީނިއޯ ގެންދިއުމަށް ދެއްކި 143 މިލިއަން ޕައުންޑުގެ ސަބަބުން ކުޅުންތެރިން ގެނައުމަށް މަގުތައް ފަހިވެގެން ދިޔައެވެ.