ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށް ފުރާ ވަޑައިގެންފިއެވެ.
އެ އަތޮޅު ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ހޯއްދެވުމަށް އިބޫ ފެއްޓެވި ދަތުރުފުޅުގައި ބ. އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މިރޭ ތުޅާދޫގައި އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވެސް ޕާޓީތަކުން ވަނީ ފަށާފައެވެ.
އިބޫ ވިދާޅުވެފައިވަނީ ބ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް، މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ކަންތައް އަޑު އަހައި މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. ހުކުރު ދުވަހު އިއްތިހާދުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ މެނިފެސްޓޯގެ މަސައްކަތް ފަށާފައިވާ ކަމަށާއި މެނިފެސްޓޯއަށް ކުރަން ޖެހޭ މަސައްކަތް އަދި ވަރަށް ގިނަ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫގެ މިދަތުރުފުޅުގައި އެމްޑީޕީއާއި ޖޭޕީގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން، އާއިޝަތު ނަހުލާ ވެސް ހިމެނެއެވެ.