Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

"ތަރައްގީ އަމާޒުކުރާނީ ވަކި ހިސާބަކަށް ނޫން، މުޅި ގައުމަށް"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ރާއްޖޭގެ ރައީސަކަށް ހޮއްވަވައި ދެއްވައިފިނަމަ ވަކި ހިސާބަކަށް ތަރައްގީ ގެނައުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ބ. އަތޮޅަށް އިބޫ ފެއްޓެވި ދަތުރުފުޅުގައި، އެއަތޮޅު ގޮއިދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އިބޫ ވަނީ ޒަމާނުއްސުރެ ބ. އަތޮޅު ބާކީ ވެފައި އޮތް އޮތުމަށް އަމާޒުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ގޮއިދޫގައި މިހާރު އަޅާފައި އޮތް ބަނދަރަކީ އެމްޑީޕީގެ ވެރިކަމުގައި، ރައީސް ނަޝީދު އަޅައި ދެއްވި ބަނދަރެއްކަން ފާހަގަކުރެއްވިއެވެ.

އިބޫ އިތުރަށް ވިދާޅުވެފައިވަނީ ގޮއިދުއާއި އެރަށާ ގުޅިފައިވާ ތިން ރަށަކީ ވެސް އިއްތިހާދުގެ ސަރުކާރުން އިހުމާލު ވާނެ ރަށްތަކެއް ނޫން ކަމަށެވެ. އަދި އެބޭފުޅުންގެ މެނިފެސްޓޯގައި އެންމެ ބޮޑު އަމާޒަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ގުޅާލުން ކަމަށް އިބޫ ވިދާޅުވިއެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ފިކުރެވެ. ގޮއިދޫ ރައްޔިތުންނާ މުޚާތަބުކޮށް އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި އެރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ބ. އަތޮޅަށް ވަޑައިގެން އެރަށު ރައްޔިތުންގެ ޚިޔާލާއެކު މެނިފެސްޓޯ އެކުލަވާލަން އިބޫއާއެކު ގުޅިފައިވާ އިއްތިހާދުގެ ގިނަ އޮފިޝަލުންތަކެއް ވަނީ އެ އަތޮޅަށް މިއަދު ވަޑައިގެންފައެވެ. މިރޭ ބ. ތުޅާދޫގައި ބޮޑު ޖަލްސާއެއް ވެސް ބޭއްވުމަށް އިއްތިހާދުން ވަނީ ނިންމާފައެވެ.