Last Updated: June 11, 16:54
Thursday, June 11, 2026
ޚަބަރު

މިދަނީ ފޯމުތައް ފުރަމުން، ކުރިމަތިލާނަން: އުމަރު

ފޮޓޯ-ވީނިއުސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ކަމަށާއި މިހާރު ކުރަމުންދާ ކަމަކީ ތާއީދު ކުރާ 1،500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ތާއީދު ކުރާ 1،500 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ އާންމު އިއުލާނެއް ކުރުމެއް ނެތިއެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެއެވެ.

އުމަރު އެދިފައިވަނީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމާ މެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރެއްވުމަށެވެ. އަދި އޭނާ އިންތިޚާބަށް ކުރިމަތިލާނީ އެންމެ ފަހު ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ.

އުމަރު ވަނީ 2008 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެން ނާކާމިޔާބީއާ ކުރިމަތިލައްވާފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސް، އަބްދުﷲ ޔާމީނާ ވާދަކުރައްވާފައި ވެސް ނާކާމިޔާބުވެ ވަޑައިގެން، ރައީސް ޔާމީން ހޮވުމުން އުމަރަށް ވަނީ ހޯމް މިނިސްޓަރު ކަން ދެއްވާފައެވެ. ނަމަވެސް އުމަރު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.