Last Updated: May 18, 17:52
Saturday, May 18, 2024
ޚަބަރު

ތަރައްޤީގެ ނަމުގައި ވައްކަން ބޭނުމެއް ނޫން: އަބްދުﷲ ޝާހިދު

ތަރައްޤީގެ ނަމުގައި ވައްކަން ކުރާ ވެރިއަކު ބޭނުން ނޫންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރު މި ފެންނަނީ ތަރައްްޤީގެ ނަމުގައި ވައްކަން ކުރާ މަންޒަރުކަމަށެެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލް ބޮޑު ކުރުމުގެ ނަމުގައި ފެށި މަޝްރޫއާއި ގުޅޭ ގޮތުން މަޖްލިސްއިން ސުވާލު ކުރަން ފެށުމުން ދަރުމަވަންތަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެއިމާރާތަށް 125 މިލިއަން ޑޮލަރު ހޭދަ ކުރާއިރު ކުރެހުމަށް އެެކަނި 25 މިިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލުގެ ހަރަދާއި ގުޅޭ ގޮތުން ރައްޔިތުންގެ މާލިއްޔަތު ކޮމެޓީގައި ސުވާލު ކުރުމުންވެސް އޭގެ ތަފްސީލެއް ސަރުކާރުން ނުދިން ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ދެމެދު އަޅާ ބްރިޖުގެ ހަރަދުގެ ތަފްސީލެއް ނުލިބޭއިރު އޭގެ ދަރަނި އެޅެނީ ރައްޔިތުންގެ ބޮލުގައި ކަމަށެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މި ވެރިކަން ބަދަލުކޮށް ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ދިވެހިންނަށް ކޮށްދެވޭނެ ވެރިއަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ކަމަށެވެ. އަދި އިބޫވަނީ އެކަން ފާއިތުވި 25 އަހަރު ތެރޭ ރައްޔިތުންގެ މަޖިލިސް ތެރެއިން ދައްކަދީފައި ކަމަށެެވެ. އަދި ތަރައްޤީގެ ނަމުގައި އިބޫ ވައްކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.