Last Updated: May 18, 14:45
Saturday, May 18, 2024
ޚަބަރު

އުތުރާއި ދެކުނުގައި ދެ ސިޓީ ތަރައްޤީ ކުރާނަން: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި އެކު، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި. ފޮޓޯ: އައްޑޫލައިވް/ޝަރަފް

ދިވެހި ރާއްޖޭގެ އުތުރާއި އަދި ދެކުނުގައި މާލެ ފަދަ ދެ ސިޓީ ތަރައްޤީކޮށް ދެއްވާނެވާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ލިއުން އިލެކްޝަން ކަމިޝަނުން ލިބިވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ކެމްޕެއިން ޖަލްސާގައި ބ. ތުޅާދޫ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދެއްގެ ސަރުކާރެއްގައި މާލެ ސަރައްދަށް މީހުން ޖަމާ ނުކުރާނެ ކަމަށާއި، ރައްޔިތުން މާލެ ގެނެސް ހަތަރު ފޫޓު ހަ ފުޓޫ ގޮޅިއަކަށް ލުމުގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ ފެންވަރުގެ ދެ ސިޓީ ތަރައްޤީ ކުރައްވާނެކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި ތުޅާދޫއަށް ދިމާވެފައިއޮތް ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އެރަށުގެ ބިން ހިއްކަވައި، ލޭންޑު ޔޫސް ޕްލޭން ހަދާފައިވަނިކޮށް އެމްޑީޕީގެ ވެރިކަން ނިމިގެން ގޮސްފައިވާ އިރު ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައިވެސް ތުޅާދޫ ހިއްކި ބިމުން ރައްޔިތަކަށް މަންފާ ނުކުރާ ކަމަށެވެ.

އިބޫ ވިދާޅުވީ، ތުޅާދޫ ފަދަ ބިން ހިއްކާފައިވާ ރަށްތަކުގެ ލޭންޑު ޔޫސް ޕްލޭން ހަދައި، ސަރުކާރާއި ހަވާލުވާތާ ހަ މަސްތެރޭ އެ ރަށްތަކުން ގޯތި ދޫކުރައްވާނެކަމަށެވެ.

އިބޫވަނީ ތުޅާދޫ ރައްޔިތުންނާއި މުހާޠަބު ކުރައްވައި ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ މަސްވެރިންނަށް އަމާޒުކޮށް އޮއިވާލި ކަނދުފަތި އަޅުއްވާ ދެއްވާނެކަމަށާއި، ތުޅާދޫއަކީ ޒަމާނުއްސުރެ މުޅި ރާއްޖެއަށް ލިޔެލާ ޖެހުމުން މަޝްހޫރު ރަށަކަށްވުމުން އިއްތިހާދެއްގެ ސަރުކާރެއްގައި އެމަސައްކަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.