ޕްރީ ސީޒަނުގައި ޔޫރަޕުގެ ބޮޑެތި ކުލަބުތައް ބައިވެރިވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޭ އެމެރިކާގެ މިޝިގަންގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-4 ގެ ތަފާތު ބޮޑު ނަތީޖާއިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ދެޓީމުން ވެސް ފުރަތަމަ އެގާރާގައި ހިމެނޭ ގިނަ ކުޅުންތެރިން ނުލާ ކުޅުނު މިމެޗު ޔުނައިޓެޑު ފަށާފައިވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން އެކަޑަމީ ކުޅުންތެރިން ބައިވެރިކޮށްގެނެވެ. ލިވަޕޫލުން މެޗު ފަށާފައިވަނީ ފޯވާޑް ސަލާ އަދި މަނޭ އަރުވައިގެންނެވެ.
މެޗުގެ ފުރަތަމަ ކޮޅު ލިވަޕޫލުން ޔުނައިޓެޑު ގޯލަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް ގޯލެއް ޖެހިފައިވަނީ 31 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ސަލާ ވައްޓާލުމުން ލިބުނު ޕެނަލްޓީއަކުން، ސަދިއޯ މަނޭއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ އޭގެ ތިން މިނެޓު ފަހުން ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޒުވާން ކުޅުންތެރިޔާ، އެންޑްރެސް ޕެރެއިރާއެވެ.
ފުރަތަމަ ހާފު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ލިވަޕޫލުން ފެށީ ސަލާ އަދި މަނޭ ނުލައެވެ. ނަމަވެސް މިހާފުގައި ލިވަޕޫލްގެ ކުޅުން ރަނގަޅުވެ، ޔުނައިޓެޑުގެ ކުޅުން ދަށް ވެގެން ދިޔަތަން ފެނިގެން ދިޔައެވެ.
ނަތީޖާއަކަށް ވީ 66 ވަނަ މިނެޓުގައި ސްޓަރިޖް ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދިނުމެވެ. ރަނގަޅު ޖަވާބެއް ޔުނައިޓެޑަށް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް ލިވަޕޫލަށް ޕެނަލްޓީއެއް ލިބި، 74 ވަނަ މިނެޓުގައި އޮޖޯ ވަނީ ލީޑު ފުޅާކޮށްފައެވެ. ލިވަޕޫލްގެ ފަހު ލަނޑު މެޗު ނިމެން ކައިރި ވެފައިވަނިކޮށް ޖަހާފައިވަނީ އަލަށް ޓީމާ ގުޅުނު ޝަކީރީ، އޯވާހެޑަކުންނެވެ.