Last Updated: May 18, 14:45
Saturday, May 18, 2024
ޚަބަރު

ވޯޓުން މި ސަރުކާރު ބަލިކުރެވޭނެ: ހިސާން

ގާނޫނީ ވަކީލް ހިސާން ހުސެއިން، ފޮޓޯ: އަވަސް

އަންނަ ރިޔާސީ އިންތުހާބުގައި ރައްޔިތުން ނިކުމެ ބޯކޮށް ވޯޓު އަޅައިގެން ރައީސް ޔާމީން ބަލިކޮށްލެވޭނެކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެކު ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާަހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ދިވެހި ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދަން ނިކުންކަން ޖެހޭކަމަށެވެ.

އަނިޔާވެރިކަމުގެ ކަސްތޮޅުން ދިވެހިން މިނިވަންކޮށް ދިވެހިން އެދޭފަދަ މިނިވަން މާހަލެއް ރާއްޖެއަށް ހޯދަން ޖެހޭ ކަމަށެވެ.

ހިސާން ވިދާޅުވީ ޔާމީން ވެރިކަން ކުރައްވަނީ ދައުލަތެއްގެ ސިފައިގައެއް ނޫންކަމަށެވެ. ދިވެހިން ބޭނުންވަނީ އިންސާފުވެރި ދައުލަތެއް ގާއިމްވެގެން ދިއުން ކަމަށާއި، އިއްތިހާދެއްގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއްދޭނީ އިންސާފުވެރި ދައުލަތެއް ހިންގުމަށް ކަމަށާއި، ދައުލަތެއްގެ ސިފައިގައި އިންސާފުވެރި މުޖުތަމައުއެއް އެބޭފުޅުންގެ ވެރިކަމެއްގައި ގާއިމްކޮށް ދެއްވާނެ ކަމަށެެވެ.

"ދައުލަތެއް ދައުލަތެއް ސިފައިގައި ހިނގާނީ މުއައްސަސާތައް މިނިވަން ކަމާއިއެކު ހިނގުމުން. އެ ފުރުސަތު ދީގެން ހިންގާވެރިކަމެއް އަޅުގަނޑުމެން ހޯދައިދޭނަން" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ދިވެހިންނަށް ދިވެހި އެދޭ ވެރިކަން ލިބޭނީ ރައްޔިތުން ނިކުމެ ބޯކޮށް ވޯޓު އަޅައިގެން ކަމަށާއި، ވޯޓު އޮޅުވާލަ ނުދޭނެކަމަށާއި، ދިވެހިން އެއަށްވުރެ މާ ހުށިޔާރު ކަމަށެވެ.