މުޅި ހަޔާތުގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން ދޫކޮށްނުލާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބ. ތުޅާދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުކަން ގަބޫލުފުޅު ކުރެއްވީ، ހަވާލު ކުރި ޒިންމާ އަދާކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަަށް އޮތުމުން ކަމަށެވެ. ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕޯޑިއަމް ކައިރީގައި ހުއްޓިގެން ހުންނަންޖެހޭ ސަބަބަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު މިތާ ހުއްޓި ހުންނަންޖެހޭ ހަމައެކަނި ސަބަބަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަމާނާތްތެރިކަމާއި ތެދުވެރިކަން. އެއީ އަޅުގަނޑު ދޫކޮށްލާނެ ދެ ކަންތަކެއް ނޫން. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް،" އިބޫ ވިދާޅުވިއެވެ.
ތުޅާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިބޫ ވަނީ ވަރަށް ގާތުން އަޑުއައްސަވާފައެވެ. ތުޅާދޫ ފަދަ ބިން ހިއްކާފައިވާ ރަށްތަކުގައި ބިން ދޫނުކޮށް ހިފަހައްޓާފައި އޮތް އޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ހަދައި، އެފަދަ ރަށްތަކުން ގޯތި ދޫކުރަން ފަށާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ބ. އަތޮޅަކީ މިހާރަށް ވުރެ ބޮޑަށް ހިމާޔަތް ކުރަންޖެހޭ އަތޮޅެއްކަން ފާހަގަކޮށް، އިބޫ ވިދާޅުވީ އަހަރެއްގެ ތެރޭގައި ބ. އަތޮޅުގެ ތިމާވެށީގެ ރީތިކަން ބަލާލުމަށް ހަތަރު ލައްކައެއްހާ މީހުން އެ އަތޮޅަށް އަންނަ ކަމަަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބ. އަތޮޅު އިތުރަށް ހިމާޔަތްކޮށް، އަތޮޅުގެ ހެޔޮ ނަފާ އަތޮޅުގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ޕާޓީތަކުގެ ލީޑަރުންނާއި ރައްޔިތުން އެދޭ ގޮތަށް އިންސާފުގެ އައްސޭރިއަކަށް ރާއްޖެ ގެންދިއުމަށްޓަކާ އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.