ބައެއް ދީނީ އިލްމުވެރިން މިއަދު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ފިތިފައި ކަމަށާއި ހައްގު ބަސް ބުނުމަށް ޖެހިލުންވެ، އަނިޔާވެރިކަމުގެ މަގު އިޚްތިޔާރު ކޮށްފައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް، އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ތުޅާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވެފައިވަނީ އަނިޔާވެރިޔެއްގެ ފަހަތުން ބައެއް އިލްމުވެރިން ހިންގަވަނީ ހައްގު ބަސް ބުނުމަށް ޖެހިލުންވެ، އަނިޔާވެރިކަމަށް ވާގިވެރި ވަމުން ކަމަށެވެ.
އަދި އަނިޔާވެރިޔަކަށް ވާގިވެރިވެ، އޭނާ ކުރާ އަނިޔާތައް ފޮރުވައި ފަސް ލުމަށް އިލްމުވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ހިތާމައެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅަށް އެރީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތް ކުރެވިފައިވާ ބޭފުޅަކަށް އިބޫ ވާތީ ކަމަށެވެ. އަދި އިލްމުވެރިންގެ އަޑު އަހާނެ ބޭފުޅަކަށް އިބޫ ވާނެ ކަން ޔަގީން ކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވަނީ ދެބަޔަކަށް ބެހިފައެވެ. ބައެއް އިލްމުވެރިން ޑރ. ޝަހީމްގެ ފަހަތްޕުޅުން ރައީސް ޔާމީނަށް ތާއީދު ކުރަން ގަސްދުކުރިއިރު ބައެއް އިލްމުވެރިން ވަނީ ކޮންމެ ބޭފުޅަކު ރައީސް ޔާމީނާއެކު ހުންނެވިޔަސް ތާއީދު ނުކުރެވޭނެކަން ހާމަކޮށްފައެވެ.