Last Updated: May 18, 15:53
Saturday, May 18, 2024
ޚަބަރު

44 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަނީ

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރުކޮށްފިއެވެ.

އިލެކްޝަން ކަމިޝަނުން ރޭ ކުރި އިއްލާނެއްްގައި ބުނެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް 44 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށެވެ.

އިލެކްޝަނުން މިގޮތަށް ނިންމި އިރު ފުރަތަމަ އިލެކްޝަނުން ނިންމާފައިވަނީ ޖުމްލަ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ނަމަވެސް އެކި ފަރާތަތްކުގެ ފާޑު ކިއުން އިލެކްޝަން ކަމިޝަނަށް އަމާޒުވުމުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް 100 މީހުން ވޯޓުލާން ރީ-ރަޖިސްޓްރީވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައެވެ. އަދި އެގޮތަށް ނިންމައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ރިސޯޓުތަކުން އެކަން އެންގުމަށް އިލެކްޝަނުން ރިސޯޓުތަކަށް އަންގާފައެވެ.

އިލެކްޝަނުން ރޭ ބުނީ އަލަށް ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ރ. ދިގަލީގައި ހިންގާ ދިގަލި މޯލްޑިވްސް އާއި މާލެ އަތޮޅު ހެލެގެލީގައި ހިންގާ އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި ރިސޯޓުގަ އެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރިސޯޓުތަކުގައި ބެހެއްޓާފައިވަނީ ޖުމްލަ 42 ފޮއްޓެވެ. އިލެކްޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި 263،000 މީހުން ވޯޓުލުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޖުމްލަ 491 ވޯޓު ފޮށި ބަހައްޓާނެކަމަށެވެ.