Last Updated: May 18, 15:53
Saturday, May 18, 2024
ޚަބަރު

ބަދަލެއް ނުހިފާނަން އެކަމަކު ބަދަލު ހޯދައިދޭނަން: އިބޫ

އިދިކޮޅުގެ ސަރުކާރެއްގައި ބަދަލެއް ނުހިފާނެ ކަމަށާއި ނަމަވެސް ހައްގުތައް ގެއްލިފައިވާ ފަރާތްތަކަށް ބަދަލު ދެއްވާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ބ. ހިތާދޫގައި ވަރަށް އުއްމީދީ ވާހަކަތަކެއް އިބޫ ވަނީ ދައްކަވާފައެވެ. އެގޮތުން އިބޫ ވިދާޅުވީ އިދިކޮޅުގެ ސަރުކާރެއްގައި އެންމެ އިސްކަން ދޭނީ އަދުލު އިންސާފު ގާއިމް ކުރުމަށް ކަމަށެވެ. އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ އިދިކޮޅުގެ ސަރުކާރެއްގައި އެންމެ ކުރީގައި އޮންނާނެ މަސައްކަތް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ބަދަލެއް ނުހިފާނެ ކަމަށާއި ނަމަވެސް އިންސާފުން ބޭރުން ވަޒީފާ ގެއްލި ނުހައްގު އަނިޔާ ލިބެމުންދާ ފަރާތްތަކަށް އޭގެ ބަދަލު އެބޭފުޅުން ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އެރަށަށް ފޭބުމުން އިބޫއާއި ސަލާންކޮށް އެ ރަށުގެ ދުވަސްވީ ބޭފުޅަކު އަދުލު އިންސާފު ގާއިމްކޮށްދޭށޭ ބުނި ކަމަށާއި، މުސްލިމުންނަށް އަދުލު އިންސާފު ނެތް ތަނެއްގައި ދިރިއެއް ނޫޅެވޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެހެން ކަމުން އެބޭފުޅުންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އަދި އެންމެ މުހިންމު އެއް ވާޖިބަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުން ކަމުގެ ޔަގީންކަން އިބޫ ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

އިބޫ ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ހަމައެކަނި ވޯޓުލުމަކުން ނުނިމޭނެ ކަމަށެވެ. ރައީސް ޔާމީން ބަލި ގަބޫލު ކުރައްވަންދެން އެންމެ ތަންކޮޅެއް ވެސް ފަސް ނުޖެހި ތިބެން ޖެހޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެއަށް ފަހު ވެރިކަމުގެ ފުރަތަމަ 18 ނުވަތަ 20 މަހުގެ ތެރޭގައި އިންތިގާލީ އަދާލަތެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހިނގާފައި ހުރި ވައްކަމާއި ކޮރޮޕްޝަނާއި އަނިޔާވެރިކަން ބަލާ އެ ފަރާތްތައް ޖަވާބު ދާރީ ކުރުމުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ހިނގާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް ވޯޓު ދެއްވުމަށް އެދޭ ކަމަށާއި ވޯޓަކާއި ކުޅެން ލާހިކެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.