Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ބަންޑުން ޖަހާލި ލޯންޗް ފެނިއްޖެ

ކ.ވާދޫ އާއި މާލެއާ ދޭތެރޭ ކަނޑުއޮޅިއަށް ބަންޑުން ޖަހާލުމުން ރެއިން ފެށިގެން ހޯދަމުން ދިޔަ ލޯންޗު، މަސްވެރިކަމަށް ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް މިއަދު ހެނދުނު ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލާފައިއޮތް މި ލޯންޗު އެ ދޯނީގެ މީހުންނަށް ފެނިފައިވަނީ އެނބޫދޫ ކަނޑުއޮޅިން އޮޔާދަނިކޮށް ކަމަށް އެ ދޯނީގެ ފަރާތުން މިއަދު ހެނދުނު 11:37 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އަދި، މި ލޯންޗު ފެނުނުއިރު، އޭގައި އެއްވެސް މީހަކު ނެތް ކަމަށާއި، މިހާރު އެ ލޯންޗު ވަނީ ކ.ގުޅީ ފަޅުތެރެއަށް ވައްދާފައި ކަމަށް ވެސް އެ ދޯންޏާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނީގެ ފަޅުވެރިން މިހާރު ދަނީ ބަންޑުން ޖަހާލާފައިއޮތް ލޯންޗު ފެންމައްޗަށް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ 23:00 ހާއިރު އެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ރޭ އެސަރަޙައްދުގައި އެ ލޯންޗު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މި ލޯންޗާ ގުޅޭ އިތުރު ތަޙުޤީޤުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.