Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރިޔާޒުގެ އިސްތިއުނާފް ކުރިއަށް ނުދާތީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ނުދާތީ ރިޔާޒުގެ ޤާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިޔާޒުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓުން ރިޔާޒު ޖަލަށްލުމަށް ހުކުމްކުރި މުއްދަތުގެ ތިންބައިކުޅަ ދެބައި މިހާރު ތަންފީޒުވެފައިވާއިރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުދިއުމަކީ ނިހާޔަތަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

ރިޔާޒުގެ ވަކީލުން ބުނީ އޭނާގެ ޝަރީއަތް ނިމެންދެން މުޅިން އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓައި މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހައި ކޯޓުން ހުކުމްކުރުމުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އެޕީލްކުރި އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އެއްވެސް އަޑުއެހުމެއްގައި އެމައްސަލައިގެ މައުޟޫއީ އެއްވެސް ކަމަކަށް ދައުލަތުން ވެސް ވާހަކަދައްކާފައި ނުވެ އެވެ. ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއެއްގެ އިސްތިއުނާފުގައި އެމައްސަލަ މައުޟޫއީ ގޮތުން ނިންމަވައި، އަދި އެމައްސަލަ ދަށު ކޯޓުން ބެއްލެވި ފަނޑިޔާރުން އެމައްސަލައިގެ ތަހުގީގު ހިނގައިދިޔައީ ޖިނާއީ އިޖުރާއަތުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބަހުސްކޮށް ކަނޑައަޅާފައިވާ ކަނޑައެޅުންތަކަކީ މައްސަލައިގެ މައުޟޫއުން ބޭރުން ދަށު ކޯޓުން ނިންމެވި ނިންމެވުންތަކެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަބްދުﷲ ރިޔާޒު ޖަލަށްލުމަށް ހުކުމްކުރި މައްސަލާގައި ނިންމެވި ނިންމެވުމުގެ ނަތީޖާއަކީ ދަށު ކޯޓުން މައްސަލަ ބެއްލެވުމުގައި ފުލުހުންގެ ތަހުގީގީ އިޖުރާއަތާ މެދު ގޮތެއް ކަނޑައެޅުމަކީ ދަށު ކޯޓުން ކޮށްގެން ނުވާނެ ކަމެއް ކަމުގައި ކަނޑައެޅިގެން ދިއުން ނޫންތޯއެވެ؟،" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު ފުލުހުން ރިޔާޒު ހައްޔަރުކުރީ ކީއްވެ ކޮން ތުހުމަތެއްގައިކަން ވެސް އެންގުމެއް ނެތި ދޫނިދޫ ޖަލުގެ އެކަހެރި ގޮޅިއެއްގައި 12 ދުވަހު ގެންގުޅުމަށްފަހު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި، އެއިން އެއްވެސް ތުހުމަތެއްގައި މިއަދާ ހަމައަށް އެއްވެސް ދައުވާއެއް ރިޔާޒުގެ މައްޗަށް ކޮށްފައި ނުވާތީ މާޗު މަހުގެ ދެވަނަ ދުވަހު ރިޔާޒު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ޤާނޫނީ ބިނާއެއް ނެތިކަން ޔަޤީންވެ ކަށަވަރުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރު ކޯޓަށް ހުށަހެޅުނު މުޅިން އެހެން ދައުވާއަކާ ގުޅުވައިގެން މިދިޔަ މަހުގެ 18 ވަނަ ދުވަހު ރިޔާޒު ކުއްލި ގޮތަކަށް ކޯޓަށް ހާޒިރުކޮށް އެމައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅާފައިވީ ނަމަވެސް، އެމައްސަލައަކީ އެމައްސަލައިގެ ތަހުޤީޤާއި އަދި ކޯޓަށް ހުށަހެޅުނު ފަހުން ވެސް ރިޔާޒު ބަންދުގައި ނުބެހެއްޓުމަށް ކުރިން ނިންމާފައި އޮތް މައްސަލައެއް ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މައްސަލައިގައި ޝަރީއަތް ނިމެންދެން ރިޔާޒު ބަންދުގައި ބެހެއްޓުމަށް އެދުވަހު ނިންމީ ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި ބަންދުގެ އެއަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ވަކީލަކާ ވެސް ނުލަ އެވެ. އޭގެ ފަހުން މިއަދަށް 4 މަހާއި 13 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް ވެސް ބޭއްވިފައި ނުވުމާއި، ހަމައެކަނި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެމައްސަލަ ކޯޓުން ހިންގި ހިންގުމަކީ ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައިވާ ކަމެކެވެ. އަދި 2 މާޗް 2018 ވީ ހުކުރު ދުވަހު އަބްދުﷲ ރިޔާޒު ބަންދުކޮށްގެން ފުލުހުން ގެންދިޔައީ ގާނޫނީ ބިނާއެއް ނެތިކަން އިތުރަށް ތާކީދުވެގެން ގޮސްފައިވާ ކަމެކެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޖަލުގެ ތޭރިތަކުގެ ތެރޭގައި އަބްދުﷲ ރިޔާޒު މިއަދަށް 150 ދުވަސް ހޭދަކޮށްފައިވީ ނަމަވެސް ހިނިތުންވުމާއެކު ދިވެހި ރައްޔިތުންނަށް ރިޔާޒު ފޮނުއްވަނީ ހިތްވަރާއި ސާބަހުގެ ރިސާލަތު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަނާއި އަނިޔާވެރި ވެރިކަމަށް ނޫނެކޭ ބުނެ ހިތްވަރާއި އަޒުމު ތަކުރާރުކޮށް ވަރުގަދަކުރުމުގެ އިލްތިމާސް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.