ބޭއިންސާފުން ޖަލުގައި ބަންދުކުރެވިފައި ތިބި ހުރިހާ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ގޮވާލައްވައިފި އެވެ.
އަލީ ވަހީދު މިހެން ގޮވާލައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
JPge kureege Deputy Leader @riyazabdulla jalah levunuthaa miadhah 150 dhuvas. Aniyaaverikamaa eku beyinsaafun jalugai bandhu kurevifai thibi hurihaa faraaiythah vaguthun minivan kuran govaalan.
— Ali Waheed (@ali20waheed) July 29, 2018
އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ޖަލަށް ލެވުނުތާ މިއަދަށް 150 ދުވަސް ވެފައިވާ ކަމަށާއި، އަނިޔާވެރިކަމާއި އެކު ބޭއިންސާފުން ޖަލުގައި ބަންދުކުރެވިފައި ތިބި ހުރިހާ ފަރާތްތަށް ވަގުތުން މިނިވަން ކުރަން ގޮވާލާ ކަމަށެވެ.
ރިޔާޒް ޖަލުގައި ބަންދުކޮށްގެން ގެންގުޅެނީ އެއްވެސް ކުށަކާލައިގެން ނޫން ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިޔާޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު އެވެ. ފުލުހުންގެ ތަހުޤީޤަކަށް ފޯނު ހުޅުވައިދޭން އިންކާރު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާވެސް ރިޔާޒުގެ މައްޗަށް ވަނީ އުފުލާފައެވެ.