Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރީރަޖިސްޓްރޭޝަން ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރާނަން: އީސީ

ރިޔާސީ އިންތިޚާބު 2018 ގެ ޤައުމީ ލަފާދޭ ކޮމެޓީގެ ހަ ވަނަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާ ކުރާ ފަރާތްތަކުން ހުށަހަޅާ ފޯމްތަކުގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އީސީ އިން ބުނެފައި ވަނީ ރީ-ރެޖިސްޓްރޭޝަން ފޯމް ހުށައެޅުމުގައި އޮޅުވާލުންތަށް ހުރިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް ހުށައެޅޭ ހުރިހާ ފޯމެއްގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް އެ ޓްވީޓްގައި ވެއެވެ.

އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައި، ފޯމު ފުރަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އަދި އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.