Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ކެންޑިޑޭޓުންނާއި ރަނިންމޭޓުންނަށް ސެކިއުރިޓީ ދޭން އެދެފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ޑިފެންސް މިނިސްޓްރީ ގައި އެދިފައިވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީ އިން މިހެން ބުނެފައި ވަނީ މިއަދު ކުރި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އީސީ އިން ބުނެފައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނައިބުންނަށް، ރިޔާސީ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، 18 އޮގަސްޓް 2018 އިން ފެށިގެން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑެ ނެޝަނަލް ސެކިއުރިޓީ ގައި އެދެފައިވާނެ ކަމަށެވެ.

އީސީ އިން މިހެން ބުނެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް އާއްމުކޮށް އަންގައި އިއުލާނު ކުރާ ދުވަހުން ފެށިގެން، އިންތިޚާބު ނިމި އައު ރައީސުލް ޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވަންދެން އިންތިޚާބަށް ކުރިމަތިލި އެންމެހާ ކެންޑިޑޭޓުންނާއި، ރަނިންމޭޓުންނަށް، އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ޤައުމީ ސަލާމަތީ ޚިދުމަތްތަކުން ދައުލަތުގެ ޚަރަދުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތް ދޭންވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ހުޅުވާލާފައެވެ.

އިންތިޚާބަށް ކުރިމަތިލުމަށް މިހާތަނަށް ނުވަ ފަރާތަކުން ފޯމް ނަންގަވާފައި ވާއިރު، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ވަނީ އެންމެ ފަރާތެއްގެ ފޯމެވެ. އެއީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާ އިބްރާހިމް މުޙައްމަދު ޞާލިހް (އިބޫ) އަދި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމްއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު އެވެ.