Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ހާލު ގޯސްވެ ނަވާޒު ހޮސްޕިޓަލަށް ބަދަލު ކުރަނީ

ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ކުރަން ފަށައިފިއެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުގެ އަދިއާލާ ޖަލުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ނަވާޒަށް ކުރިމަތިވެފައިވަނީ ހިތުގެ މައްސަލަތަކެއް ކަމަށް ޕާކިސްތާނު ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ކިޑްނީވެސް ފެއިލްވުމުގެ ބިރު އޮތުމުން ޑޮކްޓަރުން ވަނީ ޖަލުން ހޮސްޕިޓަލަށް ވަގުތުން ބަދަލު ކުރުމަށް އެދިފައެވެ.

ޕާކިސްތާނުގެ ވަގުތީ ސަރުކާރުން ވަނީ ނަވާޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ ހުއްދަ ދީފައެވެ. އަދި ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވީ އޭނާގެ އާއިލާއަށް ލަންޑަނުން އަގުބޮޑު އެޕާޓްމަންޓުތައް ކޮރަޕްޝަނުގެ ފައިސާއިން ގަނެފައިވާކަން ސާބިތުވުމުންނެވެ. ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުން ނަވާޒް ޝަރީފްގެ ޕާޓީ ވަނީ ބަލިވެފައެވެ.