މި އަހަރުގެ ރޯދަ މަސް ކައިރިވަމުން އަަންނަ އިރު، އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ސ. މަރަދޫ ދަނޑިވަރު މިސްކިތް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.
މަރަދޫ ކޮފީ ކޯނާ ރެސްޓޯރެންޓް ކައިރީ ލިންކް ރޯޑާ ދިމާލުގައި ހުންނަ ދަނޑިވަރު މިސްކިތަކީ އައްޑޫގައި ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ޖާގަ ކުޑަ އަދި ކުޑަ މިސްކިތުގެ ތެރޭގައިު ހިމެނޭ މިސްކިތެކެވެ.
މި މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ވެސް ދީލަތި އެހީ އާ އެކު ދަނޑިވަރު މިސްކިތް މަރާމާތު ކުރަމުން އަންނަ ހިތަދޫ ކުންފުންޏެއް ކަމަށްވާ ސަދަން ކޮންޓްރެކްޓިން މޯލްޑިވްސް ކޮމްޕެނީންނެވެ.
މި ފަހަރުގެ މަސައްކަތުގެ މަރާމާތުގެ ތެރޭގައި މިސްކިތުގެ ފުރާޅުގެ ޓީނު ބަދަލު ކުރުމާއި ސީލިން ޒަމާނީ ފެންވަރަށް ބަދަލުކޮށް ކުރިން މި މިސްކިތުގައި ހުރި ފަންކާތަކާއި ލައިޓްތަކުގެ އަދަދު ވެސް އިތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މިސްކުތުގެ ކުލަ ވެސް ވަނީ އާކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.