Last Updated: May 18, 17:52
Saturday, May 18, 2024
ޚަބަރު

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނާ ހަވާލުކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓީކެޓް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ހަފްލާގައި ރައީސް ޔާމީންގެ ރަނިން މޭޓް، ޑރ. ޝަހީމް އަށް ވެސް ރަނިން މޭޓްކަމުގެ ޓިކެޓް ޕީޕީއެމް އިން ވަނީ ހަވާލުކޮށްފައެވެ.

ރިިޔާސީ ޓިކެޓް އަދި ރަނިން މޭޓްގެ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ދެ ނައިބު ރައީސުންކަމަށްވާ، ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެވަނަ ރިޔާސީ ދައުރަކަށް ރައީސް ޔާމީން ކުރިމަތި ލައްވަން ނިންމެވި އިރު އެމަނިކުފާންގެ މެނިފެސްޓޯ އަދި އާއްމު ކުރައްވާފައި ނުވެއެވެ. މީގެ ކުރިން ޕީޕީއެމްއިން ބުނެފައިވަނީ ރައިސް ޔާމީންގެ މެނިފެސްޓޯ އީދު ހަދިޔާއެއްގެ ގޮތުގައި ގެނެސްދޭނެކަމަށެވެ.