Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

"ޓިކެޓް ހަވާލު ކުރުމުން ރުޅިގަދަވެ، ރޫޅި ފަޅިފަޅިވެއްޖެ"

ރިޔާސީ ޓިކެޓް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)އަށް ހަވާލު ކުރުމާއި ގުޅިގެން ރައީސް ޔާމީން އަދި ޑރ. ޝަހީމް ރުޅިގަދަވެ، ރޫޅި ފަޅިފަޅިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަދި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމަށް އިޝާރާތް ކުރައްވާ މިހެން މަހްލޫފް ވިދާޅުވެފައިވަނީ އޭނާ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އޮޅުވާލައިގެން، ވައްކަން ކޮށްގެންވެސް ޔާމީން/ޝަހީމް ބަލިވެއްޖެކަން ކަށަވަރު. ޓިކެޓް ހަވާލު ކުރީމަ ރުޅިގަދަވެ، ރޫޅި މީހާ ފަޅިފަޅިވެއްޖެ. ގަދައަޅާ ބާރަށް، އިތުރަށް މަސައްކަތް ކުރައްވާ. ﷲ އިރާދަފުޅާއެކު އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރާނީ 70-80 ޕަސެންޓް ވޯޓުން" މަހްލޫފް ވިދާޅުވިއެވެ.

މި ޓްވީޓްގައި މަހްލޫފް ވަނީ އިތުރަށް ގަދައަޅާ ބާރަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޓްވީޓް ހަމަލާ ސަރުކާރަށް އެންމެ ގިނައިން އަމާޒު ކުރައްވާ އެއް ފަރާތަކަށް މަހްލޫފްވަނީ ވެފައެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅުން ނިކުމެ ވަޑައިގެން ހުންނެވި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ، ގިނަ ސުވާލުތަކެއް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ)އަށް އަމާޒު ކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.