Last Updated: May 18, 17:09
Saturday, May 18, 2024
ޚަބަރު

ކިޔަވައިދޭ ސިލަބަހަށް ބަދަލު ގެންނާނަން: ޔާމީން

ފޮޓޯ: އަވަސް

ދިވެހިންގެ ކިބައިގައި ދީނީ ސިފަތައް އެކަށީގެންވާ މިންވަރަށް އަށަ ނުގަންނަ ކަމަށާއި އެހެންކަމުން މިހާރު ސްކޫލްތަކުގައި ކިޔަވައިދޭ ސިލަބަސްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ އިސްލާމީ ސިފަތައް ދިވެހިންގެ ކިބައިގައި ހުންނަން ޖެހޭ އިރު އެކަށީގެންވާ މިންވަރަށް އެ ސިފަތައް ދިވެހިންގެ ކިބައިގައި އަށައެއް ނުގަނެވޭ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެގޮތުން ނަމާދަށް ގޮސް އިސްލާމީ އުސޫލުތައް އަޑު އެހި ނަމަވެސް ދިވެހި ޒުވާނުންގެ ތެރޭގައި އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނާއި ދީނުގައި އެންމެ ބޮޑަށް ހަރާމް ކުރެވިފައިވާ ކަންކަން ކުރާ މިހުން އުޅޭ ކަމަށެވެ.

މިހާރު ނަގައިދިން ފިލާވަޅުތައް ނުފުދޭކަން އެބަދައްކުވައިދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން އެއަށްވުރެ ހަރުދަނާ އެއަށް ވުރެ ވަރުގަދަ ސިލަބަސްއެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބޭނުންވަނީ ހޯލްސަމް ސިލަބަސްއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ކަންތައް ވަނީ މިހާރުގެ މި ހުރި ދީނީ މުގައްރިރުތަކުގައި ނުފުދިގެންދާ ކަންކަން ހުރީމަ ކަމަށާއި، އަދި މައިންބަފައިންގެ ތަރުބިއްޔަތުގެ ތެރޭގައި ނުފުދިގެންދާ ކަންކަން ހުރީމަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން އެ މަނިކުފާނަށް މި ގޮތް ކަމުނުދާ ކަމަށް ވެސް ރައީސްް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަތަކަށް ފަރުވާ ނުދެވޭ ނަމަ ދައުލަތެއްގެ ގޮތުގައި ދެމި ހުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މުޖުތަމައުގައި އެގޮތަށް ހުންނަ ސިފަތަކަށް އަޅާ ނުލެވޭނަމަ ކުރިޔަށް އޮތީ ވީރާނަ ކަމެއް ކަމަށާއި އެހާ ހިސާބުން ނުބައިކަންތައް ގިނަވެ ކުށްތައް ކުރުން ގިނަވެގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ރަނިން މޭޓަކަށް ވުމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ދައުވަތު އެރުވީ އެސަބަބުތަކާ ހެދި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.