Last Updated: June 9, 11:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާ ކުރި ކަމަކުން ކަންގަނާ ދެރަވެއްޖެ

މަޝްހޫރު ބޮލީވުޑްގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕުޅާ(ޕީސީ) އާއި ނިކް ޖޯނަސް އެންގޭޖް ވުމާއިގުޅިގެން އެ ހަބަރު އަޑުއިވުމުން އޭނާ އާއި އެކަން ހިއްސާ ކޮށްފައިނުވާތި ވަރަށް ދެރަވެފައިވާ ކަމަށް ކަންގަނާ ރަނޯތް ބުނެފިއެެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަންގަނާ ބުނެފައިވަނީ އެވަރު ބޮޑު ކަމެއް ޕީސީ ކުރި އިރު އޭނާގާތު ނުބުނާ ކަމަށެވެ. އޭނާއަކީ ޕީސީގެ ވަރަށް ގާތް އެކުވެރިއެއް ކަމުން އެކަން އޭނާ އާއި ހިއްސާކުރަން ޖެހޭނެކަމަށް އޭނާ ދެކޭ ކަމަށެވެ. ނަމަވެސް ރައްޓެހިވެގެން އުޅޭކަން އެނގުނީވެސް އެ ހަބަރު އަޑުއިވިގެން އޭނާ އެހުމުން ކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ އަދި ޕްރިޔަންކާ އެކުގައި މަސައްކަތް އެންމެ ފުރަތަމަ ކޮށްފައިވަނީ 2008 ވަނަ އަހަރު ފިލްމް "ފެޝަން" ގައެވެ. އެ ފިލްމުގައި މި ދެ ތަރިން ދެއްކި ހުނަރަށް ވަރަށް ގިނަ ބައެއްގެ ސަޕޯޓް ވަނީ ލިބިފައެވެ. އެއަށްފަހު މި ދެ ތަރިން އެކުގައި ފެނިފަނިވަނީ 2013 ވަނަ އަހަރު ފިލްމް "ކްރިޝް 3" އިންނެވެ.

ޕްރިޔަންކާގެ އެންގޭޖްމެންޓްގެ ހަބަރުން ގިނަ ބަޔަކު ވަނީ ސިއްސުވާލާފައެވެ. އެންގޭޖް ވުމަށްފަހު ކައިވެނީގެ ޕްލޭންތަކަށް ވަގުތު ހުސްކުރުމަށް ކަމަށްބުނެ ޕްރިޔަންކާ ވަނީ ފިލްމް" ބާރަތް" ގެ ޕްރޮޖެކްޓް ދޫކޮށްލާފައެވެ.

"ބާރަތް" ފިލްމް ޕްރިޔަންކާ ދޫކޮށްލި ކަމުގައިވިޔަސް އޭނާއާއި ދޭތެރޭ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ބުނެފައިވެއެވެ.

ފިލްމަށް އެހެން ތަރިއެއް ޕްރިޔަންކާގެ ބަދަލުގައި ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބައެއް ހަބަރުތައް ބުނާގޮތުން އެ ރޯލަށް ދެން ގެނައުމަށް ތައްޔާރު ވަމުންދަނީ ކެޓްރީނާއެވެ.