ދައުލަތުގެ ވަސީލަތްތައް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ކެމްޕެއިންއަށް ބޭނުންކުރާ މައްސަލަ ބަލައި ދިނުމަށް އެދި އެމްޑީޕީގެ ފަރާތުން ޕޮލިހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޕީޕީއެމުން މާލޭގައި ހުޅުވި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ހަލްފާގައި އެޕާޓީގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު ދައުލަތުގެ ވަސީލަތައް ބޭނުން ކުރާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތައް ބަލައި ދިނުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އަތޮޅު ޖަގަހަ ހުޅިވި ހަފްލާގައި އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.
މާރިޔާ ވިދާޅުވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ރީ-ރަޖިސްޓްރޭޝަން ފޯމު ތަކާއި ގުޅޭ ގޮތުން ރައީސް ޔާމީން އާއި އެމަނިކުފާންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ދެއްކެވި ވާހަކަފުޅު އެކަނި ފުދޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ކްލިޕެއްގައި ރައީސް ޔާމީން އާއި ފާޠިމަތު އިބްރާހިމް ވަނީ ސިވިލްސާވިސް މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަން ފޯމްތައް ކެމްޕެއިން އޮފީހަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.