Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރި-ރަޖިސްޓްރޭޝަން ފޯމްގެ ސައްހަ ކަމަށް ފުލުހުންގެ އެހީ

ރީ-ރަޖިސްޓްރޭޝަން ފޯމްތަކުގެ ސައްޙަކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ފުލުހުންނާއެކު އީސީ އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާ ކުރާ ފަރާތްތަކުން ހުށަހަޅާ ފޯމްތަކުގެ ސައްޙަކަން ކަށަވަރު ކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނާއި މަޝްވަރާކޮށްފި އެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ފުލުހުންގެ ދައުރާ ގުޅޭގޮތުންނާއި ރީ-ރެޖިސްޓްރޭޝަން ފޯމްތަކުގެ ސައްޙަކަން ކަށަވަރު ކުރުމާއި ގުޅޭގޮތުން އިލެކްޝަންސް އިން ވަނީ ފުލުހުންނާއި މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު އާއި ފުލުހުންގެ އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އީސީގެ ފަރާތުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އީސީ އިން އިއްޔެ ބުނީ ރީ-ރެޖިސްޓްރޭޝަން ފޯމް ހުށައެޅުމުގައި އޮޅުވާލުންތަށް ހުރިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް ހުށައެޅޭ ހުރިހާ ފޯމެއްގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް އީސީ އިން ބުނެފައި ވެއެވެ.

އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައިވާނަމަ، އަދި އެ އިންތިޚާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނިކޮށް، ރީ-ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައި، ފޯމު ފުރަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އަދި އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ވަޑައިގަތުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ރީ-ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚާކީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހެވެ.