ފުލުހުންގެ ރިޒާވް ފޯސް ނުވަތަ "ސްޕެޝަލް ކޮންސްޓެބްލަރީ" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ފުލުހުންގެ ތެރެއަށް މުޅިން އަލަށް ތަޢާރަފު ކުރާ "ސްޕެޝަލް ކޮންސްޓެބްލަރީ" ފުލުހަކަށް ވުމުގެ ޝަރުޠެއްގެ ގޮތުގައި ގްރޭޑް 10 ނިންމާފައިވުން ހިމެނެ އެވެ.
އެހެން ކަމުން ގްރޭޑް 10 ނިންމާފައިވާ، ޢުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނުންގެ ތެރެއިން އިސްކޮޅުން 5 ފޫޓު 3 އިންޗިއަށް ވުރެ ކުރު ނޫން އަދި އަންހެނުން އިސްކޮޅުން 5 ފޫޓަށް ވުރެ ކުރު ނޫން ކޮންމެ ދިވެއްސަކަ ށްވެސް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ އެވެ.
ފުލުހުންގެ ރިޒާވް ފޯސް އަށް ރެކްރޫޓްކުރެވޭ ހުރިހާ ފަރާތްތަކުން ވެސް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި އެ ތަމްރީނު ކޯހުން ފާސްވާ ހުރިހާ ފަރާތްތަކަށް ޕޮލިސް ބޭސިކް ތަމްރީނު ކޯސް ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ލިބުމާ އެކު ފުލުހުންގެ ހުވާ ވެސް ކުރަން ޖެހޭނެ އެވެ.
މި ގޮތަށް ތައްޔާރު ކުރެވޭ ފުލުހުން މަސައްކަތް ކުރާނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެ ފަރާތަކާ ހަވާލު ކުރެވޭ މަސައްކަތްތައް އެކަންޏެވެ. އަދި ރިޒާވް ފޯސް އުފެދިގެން ދިއުމަށް ފަހު ފުލުހުންގެ ތެރެއިން ހުސްވާ މަޤާމުތަކަށް މީހުން އިތުރު ކުރަން ބޭނުންވާ ހާލަތްތަކުގައި ފެންވަރު ބެލުމަށް ފަހު ފުލުހުންގެ ޚިދުމަތާ ދާއިމީކޮށް ގުޅުމުގެ ފުރުޞަތު ލިބޭނެ އެވެ.
ފުލުހުންގެ ތެރެއަށް މުޅިން އަލަށް ނެގުމަށް ހަމަޖެހިފައިވާ "ސްޕެޝަލް ކޮންސްޓެބްލަރީ" އާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް މި މަހުގެ ވަނަ ދުވަހުގެ ރޭ 8:30 ގައި އިސްކަންދަރު ކޮށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ފޯމް މޯލްޑިވްސް ޕޮލިސް ސަވިސްގެ ވެބްސައިޓް www.police.gov.mv އިން ލިބެން ހުންނާނެ އެވެ.