Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ރީި-ރަޖިސްޓްރީ އަށް ރިސޯޓްގެ ސްޓޭމްޕް ޖަހަން ޖެހޭތީ ޝަކުވާ

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު - ފޮޓޯ: ރާއްޖެއެމްވީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރިސޯޓުތަކުގެ މުވައްޒަފުން ރީ-ރަޖިސްޓަރ ކުރަން ހުށަހަޅާ ފޯމުގައި ރިސޯޓްގެ ސްޓޭމްޕް ޖަހަންޖެހޭ މައްސަލަ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިސޯޓްތަކުގެ މުވައްޒަފުން ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމާއި ގުޅޭގޮތުން އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް މިއަދު ޝަކުވާއެއް ހުށައަޅާފައިވާ ކަމަށެވެ.

އަނަސް ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންގެ ރީ-ރަޖިސްޓްރޭޝަން ފޯމްގައި އެމީހަކު ވަޒީފާ އަދާކުރާ ރިސޯޓެއްގެ ސްޓޭމްޕް ޖެހުމަށް އިލެކްޝަންސް އިން މަޖުބޫރުކޮށްފައި ވާއިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ހުށައަޅާ ފޯމްތަކުގައި އެފަދަ އެއްވެސް ސްޓޭމްޕެއް ޖެހުން ލާޒިމްކޮށްފައި ނުވާ ކަމަށެވެ.

އަނަސް ވިދާޅުވީ މިއީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވޯޓުލުމުގެ ފުރުސަތު ހަނިކުރުމަށް އިލެކްޝަންސް އިން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މިހާތަނަށް ޖުމްލަ 44 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން އިން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

އަދި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށާއި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށްވެސް އީސީ އިން ބުނެއެވެ.

އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދޭނެކަމަށްވެސް އީސީ އިން ބުނެއެވެ.