މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 167 އުޅަނދު ބަލައިފާސްކޮށްފިއެވެ.
ސ. ގަން ޕޮލިސް ސްޓޭޝަނުން، ފޭދުއާއި މަރަދޫފޭދުއާއި އަދި މަރަދޫ ހިމެނޭ ސަރަހައްދުގައި ޖުލައި 27 ވަނަދުވަހު ކުރިއަށް ގެންދިޔަ މި ޓްރެފިކްގެ އޮޕަރޭޝަނަކީ، އައްޑޫ ސިޓީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫ ސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވާއިރު، ޖުމްލަ 167 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.
އޭގެ ތެރެއިން ޤަވާއިދާ ޚިލާފުވި 35 ފަރާތަކަށް ނަސޭހަތްތެރިވެފައިވާއިރު 2 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.