Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ދިއްދޫގެ ހައުސިން ޔުނިޓްތަކަށް ފުރުޞަތު ހުޅުވާލައިފި

ދިއްދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް - ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ގެއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 11 ވާ އަންގާރަ ދުވަހުގެ 14:00 އަށް ހުޅުވާލާނެ ކަމަށެވެ.

އެ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި އުޞޫލު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ފޯމާއި އުޞޫލު ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީގެ ކައުންޓަރުންނާއި ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުންނެވެ.

އެގޮތުން އަންނަ އޯގަސްޓް މަހުގެ 08 އިން ފެށިގެން ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ފޯމްތައް ބަލައިގަންނާނެ އެވެ.

އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ހައުސިންގ ޔުނިޓްތަށް ވެސް ދޫކުރާނީ ކުރިއެކޭ އެއްގޮތަށް، އެޑްވާންސް ފީ ނަގައި، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

ކުރިން ދޫކުރި ހައުސިންގ ޔުނިޓްތަށް ދޫކޮށްފައި ވަނީ އެޑްވާންސްގެ ގޮތުގައި 19،000 ރުފިޔާ ދައްކައި، 20 އަހަރު ވަންދެން، ކުލީގެ ގޮތުގައި މަހަކު 2،500 ރުފިޔާ ދައްކައި ޚަލާސް ކުރާ ގޮތަށެވެ.