Last Updated: May 18, 15:53
Saturday, May 18, 2024
ޚަބަރު

ޔާމީންގެ ސުވާލުތަކަށް ރައްޔިތުން ޖަވާބު ދޭނެ: އިބޫ

އަންނަ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީންގެ ސުވާލުތަކަށް ޖަވާބުދެއްވާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އިބޫއަށް ކުރިމަތި ކުރެއްވި ގިނަ ސުވާލުތަކާއި ގުޅޭ ގޮތުން އިބޫ ވިދާޅުވީ ސެޕްޓެމްބަރ 23 ވަނަ ދުވަހު އެ ސުވާލުތަކަށް ރައްޔިތުން ޖަވާބު ދޭނެކަމަށެވެ.

"ރައީސް ޔާމީން އެ ކުރެއްވި ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލިބޭނެ، މަޑުކޮށްލައްވާ ހުންނެވުން އޭގަ ރަނގަޅު ވާނީ، އޭރުން ރައްޔިތުން އެދޭ ޖަވާބު އެމަނިކުފާނު ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވުމަކީ އަޅުގަނޑު އެމަނިކުފާނު އަރިހުން ވަރަށް ބޮޑަށް އެދޭ ކަމެއް،" އިބޫ ވިދާޅުވި އެވެ

ރައީސް ޔާމީން އިބޫއަށް ކުރެއްވި ސުވާލުތަކަކީ ރާއްޖޭގެ ހަރުމުދާ ވިއްކާނަންތޯ އާއި އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލަން ޖެހުނީ ކީއްވެގެން ކަމާއި އޭގެން ރާއްޖޭގެ ހަޒާނާއަށް އެހާ ކުޑަ ފައިސާއެއް ވަނީ ކީއްވެގެން ކަން ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބ. ކުޑަރިކިލުގެ ރައްޔިތުންނާއި މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ރައިސް ޔާމީންގެ އެއް ސުވާލަށް ކުރު ޖަވާބެެއް ދެއްވާފައެވެ. އިބޫ ވިދާޅުވީ އައިޖީއެމްއެޗް ކައިރީ އެ ހޮސްޕިޓަލް ބޮޑު ކުރުމަށްކަމަށް ބުނެ ހަދަން ފެށި އިމާރާތް 147 މިލިއަން ޑޮލަރަށް ބޮޑުވީ ކީއްވެގެންތޯ އާއި އެ އިމާރާތް 57 މިލިއަން ޑޮލަރަށް އަޅައިދޭން ބަޔަކު ތިއްބާ ބޮޑު އަގުގައި އެހެން ބަޔަކަށް އިމާރާތް ކުރަން ދިނީ ކީއްވެތޯ ރައްޔިތުން ސުވާލު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި އިމާރާތުގެ ކުރެހުމަށް އެކަނި 25 މިލިއަން ޑޮލަރު ހަރަދުވި ގޮތެއްވެސް ރައްޔިތުންނަށް ބުނެދެއްވަން ޖެހޭ ކަމަށެވެ.

ބ. އަތޮޅުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ ވަނީ މާލެ ވަޑައިގެންފައެވެ.