Last Updated: August 25, 18:56
Monday, August 25, 2025
ވިޔަފާރި

ގަން ޕޯސްޓް އޮފީސް ފޭދު އަށް

ފޭދޫގައި ހުޅުވާފައި ހުންނަ ޕޯސްޓް އޮފީސް

ސ. ގަމުގައި ހުރި ޕޯސްޓް އޮފީސް ފޭދު އަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

އެ އޮފީސް ފޭދު އަށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ފޭދޫގައި ޕޯސްޓް އޮފީސް ހިންގަނީ "ހަވީރު އައްޑު ބިއުރޯ" ކުރިން ހިންގި އިމާރާތުގަ އެވެ.

ގަމުގައި ހުރި ޕޯސްޓް އޮފީސް ފޭދު އަށް ބަދަލު ކުރި، ގަމުގައި ބޭނުން ކުރަމުން ދިޔަ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ، ވީރާނާވެފަ އެވެ.

އިނގިރޭސީން ގަމުގައި ބަހައްޓާފައި ހުންނަ ބޮޑު ބަޑީގެ ކުރިމަތީގައި "ދިގި އޮފީހު" ގެ ގޮތުގައި މަޝްހޫރު އިމާރާތުގައި ހިންގަމުން ދިޔަ ޕޯސްޓް އޮފީސް ފޭދު އަށް ބަދަލުކޮށްފައިވާ އިރު، ޕޯސްޓް އޮފީސް ހުރި ބްލޮކުގައި ކުރިން ހިންގަމުން ދިޔަ ބީއެމްއެލްގެ ގަން ބްރާންޗާއި ސްޓެލްކޯ އޮފީސް ވެސް މީގެ އަހަރުތަކެއް ކުރިން ވަނީ އެތަނުން އެހެން ދިމާއަކަށް ބަދަލުކޮށްފަ އެވެ.

ގަމުގެ ޕޯސްޓް އޮފީސް އެންމެ ފަހުން ހިންގި އިމާރާތަށް އެތަން ބަދަލު ކުރުމުގެ ކުރިން 1992 ހިސާބުގައި އެތަން ހިންގާފައި ވަނީ ގަމުގެ ޒުވާނުންގެ މަރުކަޒު މިހާރު ހިންގަމުން އަންނަ އިމާރާތުގެ ބައެއްގަ އެވެ. އަދި ފަހުން ހިންގި ތަނަށް އެތަން ބަދަލުކޮށްފައި ވަނީ 1995 ވަނަ އަހަރު އެވެ.