Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

"އިންތިޚާބަކަށް ފުރުސަތު ނުދީފި ނަމަ ގެއްލުން ބޮޑުވާނެ"

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ސަރުކާރުން ފުރުސަތު ނުދީފި ނަމަ ދެން ހިނގާނެ ގޯސްތަކާއި ގެއްލުން މާބޮޑުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ރޭ އޭނާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބިގަތުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންގެންދާ މަސައްކަތުގައި ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖަލުގައި ތިއްބެވި އެކިއެކި ފަރާތްތަކަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ ދިވެހިރާއްޖެގެ އުއްތަމަ ފަނޑިޔާރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި އަދިވެސް ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާ އިންސާފެއް ނެތި ޝަރީއަތްތައް ކުރިއަށް ދާއިރު، މި ފަސް އަހަރުތެރޭގައި ކެތްތެރިކަމާއިއެކު ރައްޔިތުން ބަލަހައްޓައިގެން ތިބީ ސެޕްޓެމްބަރުގައި 23 ބާއްވާ ރިޔާސީ އިންތިޚާބު ލިބިގަތުމަށް ކަމަށެވެ.

އިންތިހާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ރާއްޖެ އޮތް ހާލަތަށް ބަލާއިރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެއެވެ. މީހުންގެ މި ނަޒަރިއްޔާ އަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފި ނަމަ ހީނުކުރާ ވަރުގެ ކަންކަން ހިނގައިގެން ގޮސްދާނެ ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް އަދާވާތްތެރިވެ އެކަކު އަނެކަކަށް މާރާމާރީ ހިންގާ ގައުމަކަށް މި ގައުމު ވާން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނިގެން މިދަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ އިންތިޚާބު ލިބިގަތުމަށް ރައްޔިތުން ކުރި އުއްމީދު ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އިންތިޚާބުގެ ލިބިގަތުމަށް އިންތިޚާބުގެ ތެރެއަށް ގަދަކަމުން އަތް ބާނަން މަސައްކަތް ކޮށްފިނަމަ ފެނިގެންދާނީ ނުރަނގަޅު ކަންތައްތަކެއް ކަމަށެވެ.