ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަށް ތާއީދުކުރައްވާ ފަރާތްތަކުން މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި އިސްލާހީ މަސައްކަތްތަކެއް ފެއްޓި ނަމަވެސް ރައީސް މައުމޫނަށް ޕީޕީއެމް އަނބުރާ ލިބިވަޑައި ނުގަންނަވާނެ ކަމަށް އެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މައްޗަންގޯޅި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަދުރޭ މިހެން ވިދާޅުވި އިރު ރައީސް މައުމޫން އަކީ ޕީޕީއެމް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ކޯޓު މެދުވެރިކޮށް ޕީޕީއެމްގެ ހިންގުން ރައީސް ޔާމީންގެ ފެކްޝަނުން ހޯދާފައިވާއިރު، ޕީޕީއެމް އުފެއްދުމަށް އިލެކްޝަންސް އަށް ފޯމު ހުށަހެޅުއްވި ފާރިސްގެ މައްޗަށް ވެސް ޕީޕީއެމްގެ ދިދަ ބޭނުންކޮށްގެން ޝަޚްސު އޮޅުވާލި ކަމަށް ބުނެ ވަނީ ދައުވާ އުފުލާފައެވެ.
ރައީސް މައުމޫނުގެ އެހީތެރިކަމާއި އެކު ސިޔާސީ ދާއިރާއަށް ވަޑައިގެންނެވި، އަދުރޭ ވިދާޅުވި ގޮތުގައި ރައީސް މައުމޫން އިތުރު ޕާޓީއެއް ނުހަދާ ޕީޕީއެމް އަނބުރާ ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ.
ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް މިހާރު އޮތީ އެ ޕާޓީ އޮތުން އެންމެ ހައްގު ރައީސް ޔާމީންގެ އަތްޕުޅުގައި ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ ރައީސް މައުމޫންއެއް ނޫޅޭ ޕާޓީއެއް އުފައްދާކަށް ރައީސް މައުމޫންގެ ޕާޓީއެއް އެބައޮތޭ އެއީ ޕީޕީއެމްއޭ، އެ ޕާޓީއޭ ތިމަންނަމެން ހޯދާނީ، އަޅުގަނޑު ދަންނަވާނީ ހޯ ހޯ އޭ، ތިކަމެއް ނުވާނޭ، ޕީޕީއެމް ދެން އަނބުރާ އެ މީހުންގެ އަތަކަށް ނުދާނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި، ޕީޕީއެމް ދޫކުރައްވައި މައުމޫން ރިފޯމް މޫވްމެންޓްގައި އުޅުއްވާ ބޭފުޅުންނަކީ އެ ޕާޓީއަށް "ހަރާންކޯރުވި" ބޭފުޅުން ކަމަށެވެ